Header Ads

ސަމާ ޢީދު ޗެލެންޖް ކަޕް 2017ގެ ޗެންޕިއަންކަން ލަޔަން ހޯދައިފި

ސަމާ ޢީދު ޗެލެންޖް ކަޕް 2017ގެ ފައިނަލް މެޗްގައި ލަޔަން އާއި އެފް.ސީ ބީޗް ސިޓީ ބައްދަލުކޮށް 2-1 އެފް.ސީ ބީޗް ސިޓީ ބަލިކޮށް މި މުބާރާތުގެ ޗެންޕިއަންކަން ލަޔަން ހޯދައިފިއެވެ.

މިއަދު ހަވީރު ކުލަބު ސަމާ ކުޅިވަރު އެކުވެނީގައި ކުޅެވުނު މިމެޗްގައި ލަޔަންގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގައެވެ. އަދި އެފް.ސީ ބީޗް ސިޓީން ޖެހި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފްގައެވެ.

މި މުބާރާތުގެ ފައިނަލް މެޗްގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީ ޑައިރެކްޓް ލޮޖިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާޢީއެވެ.

މި މުބާރާތުގައި އެކި ފަރާތް ފަރާތުން ޓީމްތަކަށާއި ކުޅުންތެރިންނަށް އިނާމް ހުށަހަޅާފައިވެއެވެ. މި ފަރާތްތަކަށް އިނާމް ޙަވާލުކޮށްދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު އެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަށް މުބާރާތުގައި ބައިވެރިކަމުގެ ސެޓްފިކެޓް ކުލަބު ސަމާއިން ދީފައިވެއެވެ. މި ސެޓްފިކެޓްތައް އެ ފަރާތްތަކަށް ހަވާލުކޮށްދެއްވީ ކުމުންދޫ ކައުންސިލްގެ ނައިބު ރައީސް ޢަލީ ޤާސިމްއެވެ.

މި މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ އެފް.ސީ ބީޗް ސިޓީގެ އިބްރާހީމް ސިނާން އާއި ޒީރު ސްޕޯޓްސްގެ ނަސްރުﷲ އާދަމް އާއި ލަޔަންގެ މުޙައްމަދު އިރުޝާދު އާއި ބޫތް ކަންމަތީގެ ފުރުޤާން ޢަބްދުލް ޙަމީދު އާއި އެފް.ސީ ބީޗް ސިޓީގެ މުޙައްމަދު އާދަމް އެވެ. މިފަރާތްތަކަށް ކުލަބު ސަމާއިން ދޭ ޓްރޮފީއާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޑައިރެކްޓް ލޮޖިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާޢީއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ލަޔަންގެ މުޙައްމަދު އިރުޝާދު އެވެ. މިފަރާތަށް ޑައިރެކްޓް ލޮޖިސްޓިކްސް އިން ދޭ ދިހަ ހާސްރުފިޔާއާއި ކުލަބު ސަމާއިން ދޭ ޓްރޮފީއާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ކުމުންދޫ ޔޫތް ފުޓްބޯޅަ ކުލަބުގެ ނައިބް ރައީސް ޢުބައިދުﷲ ޙައްސާނުއެވެ.

މި މުބާރާތުގައި ރެފްރީކަން ކޮށްދެއްވާފައިވާ ދެ ފަރާތަށްވެސް ކުލަބު ސަމާއިން ސެޓްފިކެޓް ދީފައިވެއެވެ. މި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޑައިރެކްޓް ލޮޖިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާޢީއެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމް ލަޔަން އަށާއި ރަނައަޕް ޓީމް އެފް.ސީ ބީޗް ސިޓީ އަށް ކުލަބު ސަމާއިން ދޭ ޓްރޮފީއާއި މެޑެލްއާއި ސެޓްފިކެޓް ފައިސާގެ އިނާމާއި ޗެންޕިއަން ޓީމަށް ޑައިރެކްޓް ލޮޖިސްޓިކްސްއިން ދޭ ފަންސަވީސް ހާސްރުފިޔާ ޙަވާލުކޮށްދެއްވީ ޑައިރެކްޓް ލޮޖިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާޢީއެވެ.

މިއަދު ހަވީރު ކުލަބު ސަމާ ކުޅިވަރު އެކުވެނީގައި މި ކުޅެވުނު ފައިނަލް މެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ލަޔަންގެ މަންސޫރު މުޙައްމަދު އެވެ. މޭން އޮފް ދި މެޗްގެ އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވީ ބުލޫ ބުލިސް ކެފޭގެ ވެރިޔާ އިބްރާހީމް ޝަރީފް އެވެ. މި މުބާރާތުގެ ކޮންމެ މޭން އޮފް ދި މެޗަކަށް ބުލޫ ބުލިސް ކެފޭގެ ފަރާތުން ދުއިސައްތަ ފަންސާސް ރުފިޔާ ދީފައިވެއެވެ.

މި މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ޝަރަފްވެރި މެހެމާނު ޑައިރެކްޓް ލޮޖިސްޓިކްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާޢީ ވާހަކަ ފުޅު ދައްކަވާފައިވެއެވެ. އަދި ކުލަބު ސަމާގެ ރައީސް ނޫރައްދީން އިބްރާހީމް ވެސް ވާހަކަ ފުޅު ދައްކަވާފައިވެއެވެ. މިގޮތުން ކުލަބު ސަމާގެ ރައީސް ވިދާޅުވީ މިއަންނަ އަހަރުވެސް ސަމާ ޢީދު ޗެލެންޖް ކަޕް ބާއްވާނެކަމަށެވެ.


މި މުބާރާތް ކުރިއަށް ގެންދިޔުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަމަށް ކުލަބު ސަމާއިން ބުނެއެވެ. މިހެންކަމުން އެ ހުރިހާ ފަރާތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ކުލަބު ސަމާއިން ބުނެއެވެ.

No comments