Header Ads

ކުމުންދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހުރަވީ ހައުސް ހޯދައިފި

ކުމުންދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ހުރަވީ ހައުސް އާއި ޝަހީދު ޢަލީ ހައުސް ބައްދަލުކޮށް 1-0 ން ޝަހީދު ޢަލީ ހައުސް ބަލިކޮށް މިމުބާރާތުގެ ޗެންޕިއަންކަން ހުރަވީ ހައުސް ހޯދައިފިއެވެ. މިމެޗްގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ޝަހީދު ޢަލީ ހައުސްގެ ޖާޒީ ނަންބަރު 10 ޝާހީން ޢަލީ އެވެ.

މިއަދު ހަވީރު ސްކޫލް ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިފައިނަލް މެޗްގެ ދެ ހާފް ނިމުނުއިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. މިގޮތުން ހުރަވީ ހައުސް އިން ލަނޑުޖަހާފައިވަނީ އިތުރު ވަގުތު ކުޅެވުނު ދެ ހާފްގެ ތެރެއިން ފަހު ހާފް ނިމެން އުޅެނިކޮށް ހުރަވީ ހައުސްގެ ޖާޒީ ނަންބަރު 03 ޝަފީއު ޙަސަނެވެ.

މިއަދުގެ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނުގެ ގޮތުގައި ބައިވެރިވީ ކުމުންދޫ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ އަލްފާޟިލް ޢަލީ ޙުސައިންއެވެ. މިއަދުގެ ފައިނަލް މެޗަށް ފަހު ބޭއްވުނު ރަސްމިއްޔާތުގައި އެކި ގޮތްގޮތުން ބައިވެރިވި ފަރާތްތަކާށާއި އެކި އެކި މަޤާމްތަކަށް ހޮވުނު ފަރާތްތަކަށާއި އެކި އެކި ގޮތްގޮތުން ހޮވުނު ޓީމުތަކަށް ޓްރޮފީއާއި އިނާމާއި ހަނދާނީލިޔުން ދީފައިވެއެވެ.

މިމުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިވި ބޭފުޅުންނަށް އެކަމުގެ އަގުވަޒަންކޮށް ކުމުންދޫ ސްކޫލުން ހަނދާނީލިޔުން ދީފައިވެއެވެ. މިގޮތުން ހަނދާނީލިޔުން ދީފައިވަނީ މެޗް އޮފިޝަލުންގެ ގޮތުގައި ހަރަކާތެރިވި ހުސްނީ މުބާރަކް، ޚާތިމް ޢަބުއްރަޙީމް އަދި އިބްރާހީމް ޢަބްދުލްވާޙިދު އަށާއި މިމުބާރާތުގެ ކޯ ސްޕޮންސަރ ޑައިރެކްޓް ލޮޖިސްޓިކްސް އަށާއި މުބާރާތުގެ ޓްރޮފީ ސްޕޮންސަރ ކޮށްފައިވާ އަކަސޭލް އަށެވެ.

މިމުބާރާތުގައި ހޮވުނު މަޤާމްތަކަށްވެސް ކުމުންދޫ ސްކޫލުން ހަނދާނީލިޔުން ދީފައިވެއެވެ. މިގޮތުން ހަނދާނީލިޔުން ދީފައިވަނީ މުބާރާތުގެ ޓޮޕް ސްކޯރަރ ހުރަވީ ހައުސްގެ ޖާޒީ ނަންބަރު 19 ޙުސައިން ޢަލީ އަށާއި މުބާރާތުގެ ބެސްޓް ޑިފެންޑަރ ހުރަވީ ހައުސްގެ ޖާޒީ ނަންބަރު 11 އަނީސް ޢަލީ އަށާއި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ޝަހީދު ޢަލީ ހައުސްގެ ޖާޒީ ނަންބަރު 21 ޢަބްދުﷲ ޙަސަން އަށާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހުރަވީ ހައުސްގެ ޖާޒީ ނަންބަރު 7 ފުރުޤާން ޢަބްދުލްޙަމީދު އަށާއި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރ ޝަހީދު ޢަލީ ހައުސްގެ ޖާޒީ ނަންބަރު 1 ނާއިލް އަޙްމަދު އަށާއި މުބާރާތުގެ އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔާ ހުރަވީ ހައުސްގެ ޖާޒީ ނަންބަރު 19 ޙުސައިން ޢަލީ އަށާއި މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާ ޣާޒީ ހައުސްގެ ޖާޒީ ނަންބަރު 19 މިފްޒާލް އާދަމް އަށެވެ.

މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ފުރުޤާން ޢަބްދުލްޙަމީދު (ހުރަވީ ހައުސް) އާއި ޝާހީން ޢަލީ (ޝަހީދު ޢަލީ ހައުސް) އާއި ޙުސައިން ޢަލީ (ހުރަވީ ހައުސް) އާއި މިފްޒާލް އާދަމް (ޣާޒީ ހައުސް) އާއި ޢަބްދުﷲ ޙަސަން (ޝަހީދު ޢަލީ ހައުސް) އެވެ. އަދި މިމުބާރާތުގައި ޗެންޕިއަންޓީމް ހުރަވީ ހައުސް އާއި ރަނަރަޕްޓީމް ޝަހީދު ޢަލީ ހައުސް އަދި ފެއާޕްލޭ ޓީމް ޣާޒީ ހައުސްއަށް ޓްރޮފީއާއި އިނާމާއި ސެޓްފިކެޓް ޙަވާލުކޮށްފައިވެއެވެ.

މިމުބާރާތުގެ ފައިނަލް މެޗަށްފަހު ކުރިއަށްދިޔަ ރަސްމިއްޔާތުގައި، ކުމުންދޫ ސްކޫލުންވަނީ މިމުބާރާތުގެ ހުރިހާ މެޗްތަކުގެ އިންޓަވަލް ހުރިހާ ދަރިވަރުންނަށާއި ހުރިހާ އޮފިޝަލުންނަށް ފޯރުކޮށްދީފައިވާތީ ޑައިރެކްޓް ލޮޖިސްޓިކްސްގެ ވެރިޔާ މުޙައްމަދު ރާޢީ އަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އަދި މިމުބާރާތުގެ ޗެންޕިއަންޓީމްގެ ޓްރޮފީ ސްޕޮންސަރ ކޮށްފައިވާތީ އަކަސޭލްގެ ވެރިޔާ އާމިރު މުޙައްމަދު އަށް ވެސް ޝުކުރު އަދާކޮށްފައެވެ. އަދި މިމުބާރާތް ކުރިއަށްގެންދިޔުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާތީ ކުމުންދޫ ސްކޫލްގެ މުދައްރިސް ޢަލީ ޤާސިމްއަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ޕްރިންސިޕް އަށާއި މެޗް އޮފިޝަލުންނަށާއި ދަރިވަރުންނަށާއި މުދައްރިސުންނަށާއި ކުމުންދޫ ސްކޫލްގެ ސްޕޯޓްސް ކުލަބުގެ އެންމެހާ މެންބަރުންނަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.


No comments