Header Ads

ހދ.އަތޮޅުގެ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމު ގާއިމުކުރުމަށް ޙަވާލުކޮށްފި

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ގާއިމްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ، 9.9 މިލިއަން ޑޮލަރު (152.65 މިލިއަން ރުފިޔާ) އަށް ޗަންގްޒޫ ޓްރީނާ ސޯލާ އެނާޖީ ކޯޕަރޭޝަން ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. އަދި ޗަންގ ޒޫ ޓްރީނާ ސޯލާރ އެނަރޖީގެ ޖެނެރަލް މެނޭޖަރ ފެރޭންކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވާގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން 2.27 މެގަވޮޓް ގެ ސޯލަރ ޕަވަރ ޕްލާންޓް ޤާއިމުކުރެވޭނެކަމަށެވެ. އަދި ގްރިޑް ސަޕޯޓިންއަށް 1.49 މެގަވޮޓް ގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމްގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން 14 ޖެނެރޭޓަރ ސަޕްލައިކޮށް އިންސްޓޯލް ކުރެވޭނެކަމަށެވެ. މީގެ އިތުރުންވެސް ގްރިޑް އަޕްގްރޭޑް ކުރުމުގެ ގޮތުން 47.35 ކިލޯ މީޓަރ ގެ ކޭބަލް އެޅުމާއި 12 އޮޓޮމެޓިކް ގެނެރޭޓަރ ކޮންޓްރޯލް ޕެނަލް (ސިންކްރޮނައިޒިންގ ޕެނަލް ބޯޑް) މި ޕްރޮޖެކްޓުގެ ދަށުން ބެހެއްޓޭނެކަމަށެވެ. އަދި 425 ޑިސްޓްރިބިއުޝަން ބޮކްސްވެސް ބެހެއްޓޭނެކަމަށެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ޖައްވަށް ބޭރުވާ ކާރބަންޑައިއޮކްސަޑްގެ މިންވަރު ގާތްގަނޑަކަށް އަހަރަކު 2،278 ޓަނު މަދުވެގެންދާނެކަމަށްވެސް ބުނެއެވެ.

No comments