Header Ads

ކުމުންދޫ ބަނދަރުގެ ނެރުން ހޯރަ ފެރީ ވަންނަން އުޅުމުގެ ތެރޭގައި ބިރުވެރި ހާދިސާއެއް ހިނގައިފި

ކުމުންދޫ ބަނދަރަށް ހޯރަ ފެރީ ވަންނަނިކޮށް ބަނދަރުގެ ނެރުމައްޗަށް ނެގި ބިޔަ ރާޅަކާއެކު ބަނދަރުގެ އިރުމަތީ ފައިކަށްޓާ ވާޓަރާ ދެމެދު ގޮނިވެފައިވާ ދިމާލު ތޮށިގަނޑަށް ހޯރަ ފެރީ އަރައި ބިރުވެރި ހާދިސާއެއް ހިނގައިފިއެވެ. މިހާދިސާ މިއަދު ހަވީރު 6.15 އެހާއިރު ހިނގިއިރު ފެރީގައި ތިބީ ދޯނީގެ ފަޅުވެރިން އެކަންޏެވެ.

"މީގޮތަކީ ރާޅަކާއެޅީ. އެޅިގޮތަށް އައިސް ތޮށިގަނޑުގައި ދޯނި ޖެހުނީ. ޖެހިފައި ދޯނި އެނބުރިގަތީ. އެނބުރިގަތީމަ ދޯނި ފަހަތަށް މަޑުމަޑުން ހިފަހައްޓާލީމާ ފުންވީ." ކުމުންދޫ އޮންލައިންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހޯރަ ފެރީގެ ވެރިފަރާތް ސަލީމް ވިދާޅުވިއެވެ.

"ހޯރަ ފެރީ ބަނދަރަށް ވަންނަން އައީ. އެވަގުތު ނެރުން ނެގި ބިޔަ ރާޅަކާއެކު ފެރީ ކޮންޓްރޯލުން ނައްޓާލިތަން ފެނުނީ. އެއާއެކު އިރުމަތީ ފައިކައްޓާ ދިމާލު ގޮންޏަށް ފެރީ އެރިތަން ފެނުނީ. ނަމަވެސް އެވަގުތު ފެރީ ފަހަތަށް ޖެހޭތޯ މަސައްކަތްކުރަމުންދިޔަތަން ފެނުން. ދެން ފެނުނީ ފެރީ ފަހަތަށް ޖަހަންކުރި މަސައްކަތުން ބަނދަރަށް ވަދެވުނުތަން. އޭރުވެސް ނެރުގައި ރާޅު ނަގަމުންދޭ." މިހާދިސާ ހިނގިއިރު މަންޒަރު ދުށް މީހަކު ބުންޏެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަދި އެއްޗަކަށްވެސް ގެއްލުމެއް ނުވެއެވެ. ބައެއް ދުވަސްވަރު ކުމުންދޫ ބަނދަރުގެ ނެރު މައްޗަށް ބިޔަ ރާޅު ނަގައެވެ. މީގެ ސަބަބުން މާޒީގައި މިބަނދަރަށް ވަންނަން އުޅުނު ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ އަހަރުތަކެއް ކުރިން ވެސް މިއަދު ހާދިސާ ހިނގި ދިމާލު ތޮށްޓަށް ހޯރަ ފެރީ އަރައި ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ.

No comments