Header Ads

މޫސުން ގޯސްވެ ކަނޑުގަދަވުމާއި ބަނދަރުގެ ނެރުގެ ހާލަތުހުރިގޮތުން ފެރީތަކަށް ދަތުރު ކުރެވޭގޮތެއް ނުވި

މޫސުން ގޯސްވެ ކަނޑުގަދަވުމާއި ކުމުންދޫ ބަނދަރުގެ ނެރުގެ ހާލަތުހުރިގޮތުން ކުމުންދޫން ކުޅުދުއްފުއްޓަށް ދަތުރުކުރާ ފެރީ ދޯނިތަކަށް މިއަދު ދަތުރުކުރެވޭގޮތެއް ނުވިއެވެ. މިގޮތުން މިފެރީތައް ދުއްވާ ފަރާތްތަކުން ބުނީ ދަތުރުތައް ކެންސަލްކުރީ މޫސުން ގޯސްވެ ކަނޑު ގަދަވުމާއި ބަނދަރުގެ ނެރު ގަދަވުމުގެ ސަބަބުން ބަނދަރުން ނުކުމެއްޖެނަމަ ރައްކާތެރިކަމާއެކު ބަނދަރަށް ވަދެވިދާނެކަމުގެ ޔަޤީންކަން ނެތުމުންނެވެ.

އެހެން ދުވަސްތަކެކޭ އެއްގޮތަށް ކުޅުދުއްފުށްޓަށް ދާން ގިނަ ބަޔަކު މިއަދު ހެނދުނު ވެސް ބަނދަރަށް ނުކުމެފައިވެއެވެ. އެހެންނަމެވެސް ފެރީތަކަށް ދަތުރުކުރެވޭގޮތް ނުވުމުގެ ސަބަބުން ބައެއް މީހުން ދިޔައީ ލޯންޗްގައެވެ. ލޯންޗުތަކުން ބަނދަރުގެ ނެރުން ވަދެ ނުކުމެ ހަދަނީ ވަރުލާ ވަގުތު ނުވަތަ ދެ ރާޅުދޭތެރޭގައި ނެރުގަނޑު މަޑުވެލާ ކުޑަ ވަގުތުކޮޅުގެ ތެރޭގައެވެ. މިފަދަ ދުވަސް ދުވަހު އޮޑި ދޯނި ފަހަރުންވެސް ބަނދަރަށް ވަދެ ނިކުމެ އުޅެނީ މިގޮތަށް ވަރުލާ ގަޑީގައެވެ.

މާޒީވެދިޔަ ދުވަސްތަކާއި މިހާރަށް ބަލާއިރު،ބައެއް ދުވަސްވަރު ކުމުންދޫ ބަނދަރަކީ ފަސޭހަކަމާއެކު ބޭނުންކުރެވޭ ތަނެއް ނޫނެވެ. ބަނދަރުގެ ނެރު ގަދަ ނުވަތަ ނެރަށް ބިޔަ ރާޅު ބިންދާ ދުވަސްވަރެއްނަމަ ބަނދަރަށް ވަދެ ނިކުތުމުގައި އަބަދުވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ތަނެކެވެ. އަދި މިފަދަ ދުވަސްވަރެއްނަމަ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކަށްވެސް އޭގެ އަސަރުކުރާ ތަނެކެވެ.

ކުމުންދޫ ބަނދަރުގެ ނެރު ގަދަވަނީ ނުވަތަ ނެރަށް ބިޔަ ރާޅު ބިންދަނީ ހުސްއެކަނި ކަނޑުގަދަ ނުވަތަ މޫސުން ގޯސް ދުވަސްވަރު އެކަންޏެއް ނޫނެވެ. ކަނޑު މަޑު ނުވަތަ މޫސުން ގޯސް ދުވަސްވަރެއް ނޫން ނަމަވެސް މިގޮތަށް ދިމާވެއެވެ. މިކަމާމެދު ބައެއް މީހުން ބުނަނީ ބަނދަރުގެ ތޮށި ލާފައިވާގޮތުންނާއި ނެރު ހަދާފައިވާގޮތުން ދިމާވާ ކަމެއްކަމަށެވެ. މިބަނދަރަށް ވަންނަށް އުޅުމުގެ ތެރޭގައި ނުވަތަ ނުކުންނަން އުޅުމުގެ ތެރޭގައި ބިރުވެރި ނުވަތަ ނުރައްކާތެރި ހާދިސާތައްވަނީ ހިނގާފަވެއެވެ. މިފަދަ ހާދިސާތަކުގައި މީހުންނަށާއި މުދަލަށް ގެއްލުން ވުމުގެ އިތުރުން އުޅަނދުތައް އެއްކޮށް ހަލާކުވެސް ވެފައިވެއެވެ.

No comments