Header Ads

ކައުންސިލްގެ ނަން އަދި އިދާރާގެ ނަން ބޭނުންކުރުމާއި ކައުންސިލްގެ މެންބަރުންނާ މުޚާތަބުކުރުމާމެދު ޤާނޫނު ބުނާގޮތް


ލިޔުނީ؛ ޢުބައިދުﷲ ޝަރީފް،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008) ގެ ތަސައްވުރެކެވެ. މިކަން ޤާނޫނުއަސާސީގައި ބަޔާންކުރަނީ މިޤާނޫނުއަސާސީގެ 8 ވަނަ ބާބުގައެވެ. މި ބާބު އެކުލެވިގެންވަނީ މިޤާނޫނުއަސާސީގެ 230 ވަނަ މާއްދާއިން 235 ވަނަ މާއްދާގެ ނިޔަލަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭގޮތުން ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކާގުޅޭ އެންމެހައި އުޞޫލުތަކާއި ހަމަތައް ތަފްސީލުގޮތެއްގައި ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައެވެ. މިގޮތުން ބަލާއިރު، މިޤާނޫނުގެ 133 ވަނަ މާއްދާގައި "ކައުންސިލްގެ ނަން އަދި އިދާރާގެ ނަން" ބޭނުންކުރަންވީގޮތް ބަޔާންކޮށްފައިވެއެވެ. އަދި މިޤާނޫނުގެ 134 ވަނަ މާއްދާގައި "ކައުންސިލްގެ މެންބަރުންނާ މުޚާތަބުކުރާނޭގޮތް" ވެސް ބަޔާންކޮށްފައިވެއެވެ.

އަތޮޅު ކައުންސިލްތަކުގެ ނަންތައް ބޭނުންކުރަންވީ ގޮތް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 133 ވަނަ މާއްދާގެ (ހ) ގައެވެ. މިގޮތުން މިމާއްދާގައި ބަޔާންކޮށްފައިވަނީ "އަތޮޅު ކައުންސިލްގެ ނަން ބޭނުންކުރަންވާނީ "އަތޮޅު ކައުންސިލް" މިޢިބާރާތުގެ ކުރިއަށް އިދާރީ ދާއިރާގެ ނަން އިތުރުކޮށްގެންނެވެ. މިސާލު: ތިލަދުންމަތީ އުތުރުބުރީ / ހއ.އަތޮޅު ކައުންސިލް" އެވެ.

ރަށު ކައުންސިލްތަކުގެ ނަންތައް ބޭނުންކުރަންވީ ގޮތް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 133 ވަނަ މާއްދާގެ (ށ) ގައެވެ. މިގޮތުން މިމާއްދާގައި ބަޔާންކޮށްފައިވަނީ "ރަށު ކައުންސިލްގެ ނަން ބޭނުންކުރަންވާނީ "ކައުންސިލް" މި ލަފުޒުގެ ކުރިއަށް އަތޮޅާއި ރަށުގެ ނަން އިތުރުކޮށްގެންނެވެ. މިސާލު: ތިލަދުންމަތީ އުތުރުބުރީ / ހއ.އަތޮޅު ދިއްދޫ ކައުންސިލް" އެވެ.

ސިޓީ ކައުންސިލްތަކުގެ ނަންތައް ބޭނުންކުރަންވީ ގޮތް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގައެވެ. މިގޮތުން މިމާއްދާގައި ބަޔާންކޮށްފައިވަނީ "ސިޓީ ކައުންސިލްގެ ނަން ބޭނުންކުރަންވާނީ "ސިޓީ ކައުންސިލް" މިޢިބާރާތްގެ ކުރިއަށް ރަށުގެ ނުވަތަ ސަރަޙައްދުގެ ނަން އިތުރުކޮށްގެންނެވެ. މިސާލު: މާލޭ ސިޓީ ކައުންސިލް" އެވެ.

ކައުންސިލްގެ އިދާރާގެ ނަން ކިޔަންވީ ގޮތް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 133 ވަނަ މާއްދާގެ (ރ) ގައެވެ. މިގޮތުން މިމާއްދާގައި ބަޔާންކޮށްފައިވަނީ "ކައުންސިލްގެ އިދާރާގެ ނަން ކިޔަންވާނީ ކައުންސިލްގެ ނަމުގެ ފަހަތަށް "އިދާރާ" މިގޮތަށް އިތުރުކޮށްގެންނެވެ."


ކައުންސިލްގެ މެންބަރުންނާ މުޚާތަބުކުރަންވީ ގޮތް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާއާއި 52 ވަނަ މާއްދާގައެވެ. މިގޮތުން މިމާއްދާތަކުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ މެންބަރުންނަށް މުޚާތަބުކުރަންވާނީ "ކައުންސިލަރ" ނުވަތަ ކައުންސިލަރުން" ކަމަށާއި ސިޓީ ކައުންސިލްގެ ރައީސަށް މުޚާތަބުކުރަންވާނީ "މޭޔަރ" ކަމަށާއި ސިޓީ ކައުންސިލްގެ ނައިބުރައީސަށް މުޚާތަބުކުރަންވާނީ "ޑެޕިއުޓީ މޭޔަރ" ކަމަށެވެ.


އެޑިޓަރުގެ ނޯޓް:

މިލިޔުން ލިޔުއްވާފައިވަނީ ޤާނޫނީ ވަކީލް އަލްއުސްތާޛު ޢުބައިދުﷲ ޝަރީފް އެވެ.

No comments