Header Ads

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އިސްލާމްދީން ހިމާޔަތްކުރެވިފައިވެއެވެ


ލިޔުނީ: ޢުބައިދުﷲ ޝަރީފް،
ޤާނޫނުއަސާސީއަކީ ދައުލަތުގެ ޤާނޫނުތަކުގެ ތެރެއިން އެންމެ މަތީ ޤާނޫނެވެ. މި ޤާނޫނުގައި ދައުލަތުގެ ބާރުތަކާއި އެ ބާރުތަކެއްގެ މައްޗަށް ދައުލަތް އުފެދިފައިވާ ބާރުތަކާއި ފަރުދުންގެ އަސާސީ ޙައްޤުތަކާއި ވާޖިބުތައް ބާޔާންކޮށްފައިވެ އެވެ. މިއީ ހުރިހާ ދާޚިލީ ޤާނޫނުތަކުގެ ބިންގަލެވެ. މިހެންކަމުން ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެ އެވެ. މިގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008) ގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރެއްކަމުގަ އެވެ. އަދި (ށ) ގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ.

އިސްލާމްދީން ހިމާޔަތްކުރެވިފައިވާކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއަށް ބަލާލުމުންވެސް އެނގިގެންދެ އެވެ. އެއީ ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ބަޔާންކޮށްފައިވުމެވެ. މިހެންކަމުން ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް ފުރުޞަތު ނެއްކަން ހާމަވެ އެވެ. ދިވެހި ރައްޔިތުންކަމުގައިވާނެ ތިން ބައެއް ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެ އެވެ. އެއީ ޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާއިރު، ދިވެހި ރައްޔިތެއްކަމުގައިވާ  ކޮންމެ މީހަކާއި ދިވެހި ރައްޔިތަކަށް އުފަންކޮންމެ ދަރިއަކާއި ޤާނޫނުގައިވާ  ގޮތުގެމަތީން ދިވެހި ރައްޔިތަކަށްވެއްޖެ ކޮންމެ ބިދޭސީ އެކެވެ. މިހެން މި ބައިތައް ބަޔާންކޮށްފައި ވީނަމަވެސް، ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް  ނުވެވޭނެ ކަމަށެވެ. މިހެންކަމުން ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރެވިފައިވާ މިންވަރު އެނގިގެންދެ އެވެ.

އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއްކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެންނުވެ އެވެ. މިގޮތުން ބަލާއިރު ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާގޮތުން އެންމެހައި ޙައްޤުތަކާއި މިނިވަންކަން ލިބިގެންވަނީ އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާނޭގޮތުގެ މަތިންނެވެ. އަދި ހަމައެހެންމެ އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ކަމެއް ކުރުމުގެ ޙައްޤު އެއްވެސް ދިވެހި ރައްޔިތަކަށް ލިބިގެންނުވާކަން ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން ފަހުމުވެއެވެ.

ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއްކަން ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. ކޮންމެ މީހަކަށްމެ އެމީހަކު ބޭނުންވާހައި ގޮތަކަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައެއްނުވެ އެވެ. މިގޮތުން ބަލާއިރު ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވަނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތުގެ މަތީންނެވެ. އަދި އެހެންމެ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ޅ) ގައިވާގޮތުގައި، ޑިމޮކުރަސީގެ އުސޫލުތަކާއި ގޮތްތައް ވެސް ކުރިއެރުވޭނީ އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާގޮތުގެ މަތީންނެވެ.

ދިވެހިރާއްޖޭގައި އުނގެނުމުގެ ޙައްޤު އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ މީހަކަށްމެ ދީފައިވެ އެވެ. މިގޮތުން ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަން ގަތުމަށާއި އިސްލާމްދީނަށް ލޯބިޖެއްސުމަށް ބާރުއަޅަންވާނެ ކަމަށް ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެ އެވެ. ޤާނޫނުއަސާސީގައި ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވާ ހިނދު، އިސްލާމްދީން ރައްކައުތެރިކޮށް ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް މަސްއޫލިއްޔަތެއްކަން ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވެ އެވެ. ކަންމިހެން އޮތުމާއެކު، ފުންކޮށް ވިސްނައި ފިކުރުކުރުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008) ގައި އިސްލާމްދީން ހިމާޔަތްކުރެވިފައިވާ މިންވަރު ހާމަވެގެންދެ އެވެ.


އެޑިޓަރުގެ ނޯޓް:
މިލިޔުން ލިޔުއްވާފައިވަނީ ޤާނޫނީ ވަކީލް އަލްއުސްތާޛު ޢުބައިދުﷲ ޝަރީފް އެވެ.

No comments