Header Ads

ވާހަކަދެއްކުމުގައި ޙަމްދު ޘަނާ


ލިޔުނީ: މޫސާ ޙަސަން،
ބަޔަކާ މުޚާޠިބުކޮށް ވާހަކަ ދައްކަން ފެށުމުގައި މީހުންގެ ސަމާލުކަން އަތުލައިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ވާހަކަދެއްކުންތެރިޔާ ވާހަކަ ފަށައިގަންނަ ގޮތުން އަޑުއަހާ މީހުން ފޫހިވެ އަޑުއަހާ ހިތް ކެނޑިދާކަމަށް ވަރަށް ގިނަ މީހުން ބުނެ އެވެ. އެހެންކަމުން ވާހަކަދައްކަން ފަށާއިރު ޝައުޤުވެރިކަން އުފެދޭ ގޮތަކަށް ޙަމުދު ޘަނާ ކިޔުމަކީ އެހާމެ މުހިއްމު ކަމެކެވެ.

ވާހަކަދައްކަން ފަށާއިރު ޙަމުދު ޘަނާ ކިޔުމުގެ އާދައަކީ އަޅުގަނޑުމެން މުސްލިމެއްގެ ހައިސިއްޔަތުން ދިރުވަންޖެހޭ ނުހަނު ރީތި އާދައެކެވެ. އަދި ކުރީގެ ކާބަފައިން ވެސް ގެންގުޅުނު ރީތި އާދަކާދައެކެވެ. އެއީ މާތްﷲ ގެ މަތިން ހަނދުމަކުރާކަމާއި މިއުއްމަތަށް އެކަލާނގެ ފޮނުއްވި ރަސޫލު (ޞ) އަށް ޞަލަވާތް ކިޔެވުމުން ވާހަކަދެއްކުންތެރިޔާ މާތްކަން ހާސިލުކުރާ ކަމުގެ މަތިވެރި ރަމުޒެކެވެ. މި ސަބަބަށްޓަކައި އަޅުގަނޑު ގަސްތު ކުރަނީ ވާހަކަދެއްކުންތެރިޔާ  ބަޔަކާ މުޚާޠިބުކުރާއިރު ޅެންބަހުރުވައިން ޙަމުދު ޘަނާ ކިޔުމަށްޓަކައި ބޭނުންތެރި ޅެންބައިތުކޮޅެއް ހަދިޔާ ކުރުމަށެވެ. ވަޒަން ބަހުރުވައިން ޙަމުދު ޘަނާ ހުށައެޅުމަކީ އަޑުއަހާ މީހުންގެ ހިތްތަކަށް އުފާވެރިކަމާ ހިތްހަމަޖެހުމުގެ އިތުރުން ދައްކާ ވާހަކައަށް ސަމާލުކަން ލިބޭނެ ކަމެއް ކަމުގައި ދެކެމެވެ. އަޅުގަނޑުގެ މި ބައިތުތަކަކީ ތިޔަ ހުރިހާ ފަރާތްތަކަށް ބޭނުންތެރި ހަދިޔާއެއް ކަމުގައި ބަލައިގަންނާނެ ކަމުގައި އުއްމީދުކުރަމެވެ.

ޙަމްދު ޘަނާ
      1.  ޙަމްދާ ޝުކުރު   ކުރަމޭ އަޅާ  ހެއްދެވި  އިލާހުގެ  ޙަޟްރަތަށް   
                       ސިލްމާ  ސަލާމަތް  ދެއްވުމުން  އިސްލާމްދީނުގެ  ނިޢުމަތަށް
           ކީރިތި ނަބިއްޔާއަށް ވަކިން ލައްވާށި  ޞަލަވާތާ ސަލާމް 
                        މޫރިތިވި  އާލުންނާ އިތުރު އަޞްޙާބުނަށް ގިނަގުނަ  ސަލާމް
* * * * * * * * * * * * * * * * * *
      2.  ހެއްދެވި އިލާހުގެ ޙަޟްރަތަށް ޙަމްދާއިޝުކުރު ކުރަމުން
                       މޫރިތި ރަސޫލުގެ އަރިއަހަށް ޞަލަވާތް ސަލާމް ވެދުންކުރަން.
* * * * * * * * * * * * * * * * * *
      3.     ވަންތަ ކީރިތި ޙަޟްރަތަށް  ޙަމްދާ  ޝުކުރު
                                  އެންމެ މޫރިތި ސާހިބަށް  ޞަލަވާތް އިތުރު
* * * * * * * * * * * * * * * * * *
       4.  ﷲ މަތިވެރި ޙަޟްރަތަށް ޙަމްދާ އިތުރު ޘަނާއޭ 
                               އައުދާނަވީ ކައު ސާހިބަށް ޞަލަވާތްތަކާ ސަލާމޭ
* * * * * * * * * * * * * * * * * *
       5.  ރައްބީގެ  މަތިވެރި ޙަޟްރަތަށް  ޙަމްދާއި  ތަޢުރީފާ ޘަނާ
                        ދެއްވެވި އެތައް ގިނަނިޢުމަތަށް ޝުކުރުގެވެދުން ކުރަމޭ އަނާ
            ކީރިތިކަމުގެ  މާތް ސާހިބަށް ލައްވާށި  ޞަލަވާތާ ސަލާމް
                         މޫރިތިވި  އާލުން  އަދި ވަކިން  ހިމަނާލަމޭ  އަޞްޙާބުނާ
* * * * * * * * * * * * * * * * * *
       6.  ނިޢުމަތް ދެއްވެވި މާތްﷲ ފަށަމުން މިހިނދުން ހިތުގާވީ                 
                         ރަޙްމަތް ލެއްވުން އެދި އަބަދަށް ޙަމްދާ ޝުކުރޭ ފަށްފަށްވީ
          ޢާލަމް ނޫރުން ބަބުޅާލުން މިންވަރުކުރުމަށް  މެދުވެރިވީ
                         ކީރިތި މޫރިތި ކައު ސާހިބު އަރިހަށް ޞަލަވާތް ގިނަގުނަވީ
* * * * * * * * * * * * * * * * * *
       7.  ޙަމްދާ ޝުކުރު ކުރަނީ އަޅާ މަތިވެރި އިލާހުގެ ޙަޟްރަތަށް
                         ރަމްޒުކޮށް ޞަލަވާތް ސަލާމް ލައްވާށި  މަތިވެރި ސާހިބަށް

* * * * * * * * * * * * * * * * * *
އެޑިޓަރުގެ ނޯޓް:

މިލިޔުން ލިޔުއްވާފައިވަނީ ދިވެހި މުދައްރިސް މޫސާ ޙަސަން އެވެ. މިބޭފުޅާއަކީ ކިޔަވައިދިނުމުގެ ދާއިރާއިންނާއި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

No comments