Header Ads

ދިވެހިރާއްޖޭގެ ޢަދުލު އިންސާފް ޤާއިމުކުރުމުގެ ބާރު


ލިޔުނީ: ޢުބައިދުﷲ ޝަރީފް،
ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދަޢުލަތެކެވެ.[1] މިހާރު މިދަޢުލަތުގައި ޢަމަލުކުރަމުންދާ "ޤާނޫނުއަސާސީ"ގައި ދަޢުލަތް، ތިން ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ ޤާނޫނު ހެދުމުގެ ބާރު، ވެރިކަން ހިންގުމުގެ ބާރު އަދި ޢަދުލު އިންސާފް ޤާއިމުކުރުމުގެ ބާރެވެ.[2] މިގޮތުން ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓްތަކަށެވެ.[3] އެއީ ސްޕްރީމް ކޯޓާއި ހައިކޯޓާއި އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށު ކޯޓުތަކަށެވެ.[4]

ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި،ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރަނީ ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައެވެ. މިޤާނޫނުގެ ދަށުން ކޯޓުތައް ބަހާލެވިފައިވަނީ މައިނގަޑު ތިން މަރުޙަލާއަކަށެވެ. އެއީ ސްޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކެވެ. މިހެންކަމުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުން ޤާނޫނީގޮތުން ލާޒިމްކުރެއެވެ.[5]

ސްޕްރީމް ކޯޓަކީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތެވެ.[6]ޤާނޫނުއަސާސީއާއި ޤާނޫނުތައް މާނަކުރުމާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސްޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.[7] އަދި އުއްތަމަ ފަނޑިޔާރަކީ ކޯޓްގެ އެންމެ އިސް ފަރާތްކަމަށްވެފައި، ކޯޓު ހިންގަންޖެހެނީ ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ މަޝްވަރާގެ މަތިން އެކުލަވާލެވޭ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.[8] މިކޯޓު ޤާއިމުކޮށްފައިވަނީ މާލޭގައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުގެ ބާރު މި ކޯޓަށް ލިބިގެންވެއެވެ.[9]އަދިއެހެންމެ ހައިކޯޓަށްވެސް މިދެންނެވުނު ބާރު ލިބިގެންވެއެވެ.

ހައި ކޯޓަކީ ޤާނޫނަކުން އިސްތިސްނާ ނުކުރާހާ ހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފްކުރަންޖެހޭ ކޯޓެވެ.[10] "ދިވެހިރާއްޖޭގެ ކޯޓްތަކާބެހޭ ޤާނޫނު" އަށް ގެނެވުނު ފުރަތަމަ އިސްލާޙު (ޤާނޫނު ނަންބަރު: 2014/40) ގެ ދަށުން ދިވެހިރާއްޖޭގެ ތިން ޞަރަޙައްދެއްގައި މިކޯޓްގެ ގޮފިތައް ޤާއިމުކުރަންޖެހެއެވެ. މިގޮތުން ސްޕްރީމް ކޯޓުން މިހާރު މިވަނީ ހައި ކޯޓްގެ ގޮފިތައް ޤާއިމުކުރާ ޞަރަޙައްދުތައް ކަނޑައަޅައި، އެ ގޮފިތަކަށް ނިސްބަތްވާ ޞަރަޙައްދުތައް ވެސް ކަނޑައަޅާފައެވެ. މިގޮތުން ހައިކޯޓުގެ ގޮފިތައް ޤާއިމުވެގެންދާނީ މާލޭގައާއި އުތުރާއި ދެކުނުގައެވެ.[11]

މާލޭގައި ޤާއިމުވެފައިވާ ހައިކޯޓްގެ ގޮފީގައި އިސްތިއުނާފްކުރެވެނީ މާލެ (ހުޅުމާލެ އާއި ވިލިގިލި ހިމެނޭގޮތުން)، ޅ (ފާދިއްޕޮޅު)، ކ (މާލެއަތޮޅު)، އއ (އަރިއަތޮޅު އުތުރުބުރި)، އދ (އަރިއަތޮޅު ދެކުނުބުރި)، ވ (ފެލިދެއަތޮޅު)، މ (މުލަކަތޮޅު)، ފ (ނިލަންދެއަތޮޅު އުތުރުބުރި)، ދ (ނިލެންދެއަތޮޅު ދެކުނުބުރި)، ތ (ކޮޅުމަޑުލު) އަދި ލ (ހައްދުންމަތި) ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކެވެ. އުތުރުގައި ޤާއިމުކުރާ ހައިކޯޓްގެ ގޮފީގައި އިސްތިއުނާފުކުރެވެނީ، ހއ (ތިލަދުންމަތީ އުތުރުބުރީ)، ހދ (ތިލަދުންމަތީ ދެކުނުބުރީ)، ށ (މިލަދުންމަޑުލު އުތުރުބުރި)، ނ (މިލަދުންމަޑުލު ދެކުނުބުރި)، ރ (މާޅޮސްމަޑުލު އުތުރުބުރި) އަދި ބ (މާޅޮސްމަޑުލު ދެކުނުބުރި)ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކެވެ. އަދި ދެކުނުގައި ޤާއިމުކުރާ ހައިކޯޓްގެ ގޮފީގައި އިސްތިއުނާފުކުރެވެނީ، ގއ (ހުވަދުއަތޮޅު އުތުރުބުރި)، ގދ (ހުވަދުއަތޮޅު ދެކުނުބުރި)، ޏ (ފުވައްމުލައް) އަދި ސ (އައްޑުއަތޮޅު) ގައި ހިމެނޭ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކެވެ.[12]

ދަށު ކޯޓުތައް ދެ ގިންތިއަކަށް ބަލާލެވިފައިވެއެވެ.[13] އެއީ މަތީ ގިންތީގެ ކޯޓުތަކާއި ތިރީ ގިންތީގެ ކޯޓުތަކެވެ. މަތީ ގިންތީގެ ކޯޓުތަކަކީ ސުޕީރިއަރ ކޯޓުތަކެވެ. ނުވަތަ އެހެން ޤާނޫނަކުން ވަކި ކަމަކަށް ޚާއްޞަކޮށް އުފައްދާ ސުޕީރިއަރ ކޯޓާ އެއް ދަރަޖައެއްގެ ކޯޓެކެވެ.[14] މިގޮތުން ބަލާއިރު، ސުޕީރިއަރ ކޯޓުތަކުގެ ގޮތުގައި މިހާރު ހުރީ އެންމެ ފަސް ކޯޓެކެވެ. އެއީ ފެމިލީ ކޯޓު، ޑްރަގް ކޯޓް، ސިވިލް ކޯޓް، ކްރިމިނަލް ކޯޓް އަދި ޖުވެނައިލް ކޯޓެވެ.[15] ދަށު ކޯޓުތަކުގެ، ދަށު ގިންތީގެ ކޯޓުތަކަކީ މެޖިސްޓްރޭޓް ކޯޓުތަކެވެ.[16] މިގޮތުން ބަލާއިރު، ސުޕީރިއަރ ކޯޓުތައް ޤާއިމުވެ ހަމަވެފައިވާ ރަށްރަށް ފިޔަވައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުރުން ޤާނޫނީގޮތުން ލާޒިމުކުރެއެވެ.[17]

ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ޤާއިމުކޮށްފައިވާ ކޮންމެ ތަނަކީ "ކޯޓެއް" ކަމަށް ޤާނޫނުއަސާސީގައި މާނަކޮށްފައިވެއެވެ.[18] ކޯޓުތަކާބެހޭ ޤާނޫނު ބުނާގޮތުން، ކޯޓުތަކުން ބަލާ ހުރިހާ މައްސަލަތަކެއް ނިންމަންޖެހެނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އިސްލާމީ ޝަރީޢަތާއެއްގޮތްވާ ގޮތުގެ މަތިންނެވެ.[19] ޤާނޫނުއަސާސީގައި "އިސްލާމީ ޝަރީޢަތް" މާނަކޮށްދީފައިވަނީ، ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުންނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.[20]




[1] . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާ.
[2] . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7،6،5 ވަނަ މާއްދާ.
[3] . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާ.
[4] . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ).
[5] . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ).
[6] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ).
[7] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ).
[8] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) އަދި (ރ).
[9] . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ).
[10] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ށ).
[11] . ސްޕްރީމް ކޯޓްގެ ނަންބަރު: 07/2015/SC (12 ފެބްރުއަރީ 2015) ސަރކިއުލަރ.
[12] . ސްޕްރީމް ކޯޓްގެ ނަންބަރު: 07/2015/SC (12 ފެބްރުއަރީ 2015) ސަރކިއުލަރ.
[13] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާ.
[14] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ނ).
[15] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) އަދި ޤާނޫނު ނަންބަރު: 2011/17 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ނ).
[16] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ރ).
[17] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 63 ވަނަ މާއްދާ.
[18] . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 174 ވަނަ މާއްދާގެ (ށ).
[19] . ޤާނޫނު ނަންބަރު: 2010/22 (ކޯޓްތަކާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާ.
[20] . ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 174 ވަނަ މާއްދާގެ (ހ).



އެޑިޓަރުގެ ނޯޓް:
މިލިޔުން ލިޔުއްވާފައިވަނީ 05 ޖޫން 2015 ދުވަހު ޤާނޫނީ ވަކީލް އަލްއުސްތާޛު ޢުބައިދުﷲ ޝަރީފް އެވެ.

No comments